ގައިޑް ހަރަކާތުން ފަރުދީ އަދި އިޖުތިމާއީ ޝަހުސިއްޔަތު ބިނާކޮށްދޭ: ފަސްޓް ލޭޑީ

25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގައިޑް ހަރަކާތަކީ ކުދިންގެ ފަރުދީ އަދި އިޖުތިމާއީ ޝަހުސިއްޔަތު ވަރުގަދަކޮށް ބިނާކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވިލިމާލޭގައި ބޭއްވި 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ގައިޑް ހަރަކާތް ހިންގަމުންދާތާ 75 އަހަރު ފުރެން ކައިރިވެފައިވާއިރު، މިއިން ދައްކުވައިދެނީ ދިވެހިން އަބަދުވެސް ރަނގަޅު އަހުލާގާއި އުނގެނުމަށް އިސްކަންދޭކަމެވެ. އަދި މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ސިއްހަތަށް އިސްކަންދިނުމާއި، މުރާލިކަމާއި، އޯގާތެރިކަމުގެ އިތުރުން ދީނާއި ގައުމަށް ލޯބިކުރުމުގެ ސިފަ އަށަގަންނުވައިދޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގައިޑް ތަމްރީނުތަކުގެ ސަބަބުން އިންސާނިއްޔަތުކަމުގެ ރޫހު އާލާވެ، މުޖުތަމައުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމުގެ ވިސްނުން ކުދިންގެ ކިބައިގައި އުފެދޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި ހަރަކާތުން ތަރުބިއްޔަތުވާ އަންހެން ކުދިންނަކީ މުސްތަގުބަލުގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ކޭމްޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ވަގުތަށް ފަރުވާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. މި ފަހަރުގެ ކޭމްޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކުރި ކޭމްޕެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ