ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި، 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ބާބުލް މިއާ
ބާބުލް މިއާ

ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މަރާލި މައްސަލާގައި ކުށް ސާބިތުވި ބަބުލް މިއާ އުމުރަށް ޖަލަށް ލުމާއެކު، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާއަކީ 2020 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު ތ. ގުރައިދޫގައި ހިނގި ހާދިސާއެކެވެ. ޝާހް އަލަމް މަރާލާފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގައި ހިނގި ހަމަނުޖެހުމެއްގައި، ތޫނު އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީގެންނެވެ. މި މައްސަލައިގެ ޝަރީޢަތުގައި ބަބުލް ވަނީ ކަތިވަޅިއަކާއި ވަޅިއަކުން ޝާހް އަލަމަށް ހަމަލާދިން ކަމަށް އަމިއްލައަށް އިއުތިރާފުވެފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުށަހެޅިފައިވާ ހެކިތަކަށާއި ބަބުލްގެ އިއުތިރާފަށް ބަލާއިރު، އޭނާ ޝާހް އަލަމް މަރާލިކަން ސާބިތުވެއެވެ. އަދި ހަމަލާ ދިނުމަށްފަހު އެކަން ސިއްރުކުރުމަށް އޭނާ މަސައްކަތް ކޮށްފައިވާތީ، ޝާހް އަލަމް މަރާލުމުގެ ގަސްދު ބަބުލްގެ ކިބައިގައި އޮތްކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

މި މައްސަލާގައި މަރުވި ޝާހް އަލަމްގެ ވާރިސުން ބޭނުންވީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގައިދިނުމަށެވެ. އެހެންކަމުން، ކޯޓުން ވަނީ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ބަބުލްގެ މައްޗަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ބަބުލް އުމުރަށް ޖަލަށްލުމަށް ކުރި ހުކުމުގެ މުއްދަތުން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒު ކުރަންޖެހޭނީ 18 އަހަރާއި 8 މަހާއި 19 ދުވަހުގެ ޖަލު އަދަބެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ