ބަލިމީހުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ނުވަތަ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފަސްޓްލޭޑީގެ މެސެޖުގައި، ހަރުދަނާ އަދި ފުރިހަމަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފަރުވާގެ ހުރިހާ މަރުހަލާއެއްގައިވެސް އެންމެ ފުރިހަމަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް" ކަން ފާހަގަކުރައްވަމުން، ބަލިތަކުން ރައްކާތެރިވުމާއި ބަލީގެ ކުރީކޮޅު ދެނެގަނެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ކުރަމުންދާ ހިތްވަރަށް ތައުރީފުކުރައްވައި، އެއީ އުމުރުދުވަހުގެ ބުރައެއްކަމުން އެފަރާތްތަކަށް އަޅާލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާއިން ރާއްޖެއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ސިއްހީ ދާއިރާގައި ހިނގާ އިހުމާލުގެ ހާދިސާތައް މަދުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ފަސްޓްލޭޑީ ސާޖިދާ ވަނީ ގޮވާލައްވާފައެވެ.