އެގްރޯނެޓުގެ "އެގްރިބޯޓު" ގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

އެގްރޯނެޓުގެ އެގްރިބޯޓު ފޮޓޯ: ޔޫއެންޑީޕީ
އެގްރޯނެޓުގެ އެގްރިބޯޓު ފޮޓޯ: ޔޫއެންޑީޕީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާލޭގެ ބާޒާރަށް ގެނައުމަށްޓަކައި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބަނދެފައިވާ 'އެގްރިބޯޓު' ގެ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މި ބޯޓުގެ ފުރަތަމަ ދަތުރު އަމާޒުކޮށްފައިވަނީ މާލެއިން ހައްދުންމައްޗަށެވެ.

އެގްރޯނެޓުން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ ފުރަތަމަ އޮޕަރޭޝަނުގައި ބޯޓު މަރުކަޒުކޮށްފައިވަނީ ލާމު އަތޮޅުގައެވެ. އެ އަތޮޅުގެ ދަނޑުވެރިން އުފައްދާފައިވާ ތަކެތި ހިފައިގެން މި މަހުގެ 21 ވަނަ ދުވަހު މި ބޯޓު އެނބުރި މާލެއަށް ދަތުރުކުރާނެއެވެ. މި ދަތުރުގައި ޖުމްލަ 11،200 ކިލޯގެ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ލ. ގަމުގެ ދަނޑުވެރިން ހައްދާފައިވާ ކަރަޔާއި، ބަރަބޮލާއި، ޕެޝަން ފްރުޓާއި، ފަޅޯ އަދި ކިއުކަމްބާ ހިމެނެއެވެ.

މި ބޯޓުގެ ދަތުރުތައް ފެށުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްތަކުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން މާލެއަށް ގެނެސް، ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު ބާޒާރެއް ހޯދައިދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދުމަށްޓަކައި އެގްރޯނެޓާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއެއްގެ ބައެކެވެ. ރައީސްގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގައި ދަނޑުވެރިކަންކުރާ ހުރިހާ ރަށެއްގެ ދަނޑުވެރިންނާއެކު، އެމީހުން ހައްދާ ތަކެތި ގަތުމުގެ އެއްބަސްވުންތައް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލ. ބަރެސްދޫގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގުމާއި، އއ. އަރިއަދޫގައި ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. ހަމައެއާއެކު، ހއ. މުލިދޫގައި ދަނޑުވެރިކަމުގެ ހަކަތައިގެ ބޮޑު މަޝްރޫއަކާއެކު އެގްރި ޓޫރިޒަމްގެ ވިޔަފާރި ފެށުމަށްވެސް އެގްރޯނެޓުން ދަނީ ތައްޔާރުވަމުންނެވެ. ބަރެސްދޫ އާއި އަރިއަދޫގައި ހިންގާ މަޝްރޫއުތައްވެސް ކުރިއަށްދާނީ އެގްރި ޓޫރިޒަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

އެގްރޯނެޓުން ބުނި ގޮތުގައި މި ހުރިހާ މަޝްރޫއުތަކެއްގެ ތައްޔާރީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މިގޮތުން އެގްރިބޯޓުގެ ދަތުރުތައް ފެށިގެން ދިއުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާވެ، ދަނޑުވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ