ދަރަނި ނަގަންވާނީ ކޮންމެހެން ބޭނުންވެ، އަދާކުރެވޭނެ މަގު ފަހިވެފައިވާ ނަމަ: ހުކުރު ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގެ ތެރެއިން
އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ.

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި ޚާއްޞަ ސަމާލުކަމެއް ދީފިއެވެ. "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށް އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، ދަރަނި ނަގަންވާނީ ކޮންމެހެން އެކަމަށް ބޭނުންވެގެން، އަދި އެ ދަރަނި އަދާކުރެވޭނެ މަގު ތަނަވަސްވެފައިވާ ނަމަ އެކަނި ކަމަށެވެ. އަދި ދަރަންޏެއް ނަގަންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް، ރިބާ ހިމެނޭ މުޢާމަލާތްތަކާ ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

މުދަލަކީ އިންސާނާގެ އަބުރުވެރި ދިރިއުޅުމަށާއި ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްގެ އިތުރުން، އެއީ އަމާނާތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ޤިޔާމަތް ދުވަހުން މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭގޮތުން ސުވާލުކުރެވޭނެ ކަމަށް ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ފާހަގަކުރައްވައި، މުދާ ހޭދަކުރުމުގައި އިޤްތިޞާދުކުރުމުގެ މުހިންމުކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. މީގެ ތެރޭގައި އިސްރާފުނުކުރުމާއި ދަހިވެތިނުވުން ހިމެނެއެވެ.

މުސްތަޤުބަލަށްޓަކައި ފައިސާ ރައްކާކުރުމަކީ ދިރިއުޅުމުގައި ދިމާވާ ކުއްލި ޙާލަތްތަކުން ސަލާމަތްވުމަށް ލިބޭ ބާރެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ބަލިމަޑުކަމާއި، އަތްމަތި ދަތިވުން ފަދަ ކަންކަމާ ކުރިމަތިލާއިރު، ފަހަށް ރައްކާކޮށްފައި ހުންނަ މުދަލަކީ މީހުންގެ ގާތުގައި ސަލާންޖެހުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަދި ތިމާ ބަލަހައްޓަންޖެހޭ އަނބިދަރިންނަށް ހޭދަކުރުމަކީ ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

މާލީ ގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ޒިންމާދާރުވެގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ގަނެވިއްކުމާއި އެހެނިހެން މުޢާމަލާތްތަކުގައި ތެދުވެރިވުމާއި، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށް ބަޔާންކުރައްވައި، މީސްތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ