ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރަން ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯއިން އަންގައިފި

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތަކެއް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތަކެއް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއަށް އެ ބިން ހުސްކުރުމުގެ ގޮތުން، އެތަނުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.

އެސްޓީއޯއިން އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފޮނުވި ނޯޓިހެއްގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. މި މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފްސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމވުމުގެ ކުރިން ފޮނުވާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

މާލޭގެ ހާބަރު ސަރަހައްދުގައި ހުރި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ތަންތަން ނެގުމަށްފަހު، އެތަނުގައި ފުޑް ހަޓްތަކެއް ގާއިމުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ޖުމްލަ 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި އެ ފުޑްކޯޓުތަކަކީ 2018 ވަނަ އަހަރުގެ މޭ މަހު ހިދުމަތް ދޭން ފަށައި، އެ އަހަރުގެ ޖުލައި 23 ގައި ރަސްމީކޮށް ހުޅުވި ތަނެކެވެ. މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި 26 ފުޑްކޯޓު ތަރައްގީކޮށް ހިންގަމުންދާއިރު، މީގެ ތެރޭގައި 1260 އަކަފޫޓާއި، 960 އަކަފޫޓާއި، 60 އަކަފޫޓުގެ ޔުނިޓުތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ