ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ބަންދުކޮށްފައި ބެހެއްޓެވި ދަތި ހާލަތަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސަށް އެރުވި ހާއްސަ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާޒީގައި ޝަރުއީ ދާއިރާ އޮތް ގޮތާއި މިހާރު އެ ދާއިރާ މިނިވަންކޮށް އޮތް މިންވަރުގެ މައްޗަށް އަޅާކިޔުއްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މާޒީގައި ޝަރުއީ ދާއިރާއަށް ސިޔާސީ ގޮތުން ބޮޑެތި ނުފޫޒުތަކެއް ފޯރުވައި، ފަނޑިޔާރުން ރަހީނުކުރުމާއި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރުން ފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭރުގެ ސިޔާސީ ވެރިންނާއި ފަނޑިޔާރުން ހައްޔަރުކުރި ހާދިސާއަށް ރައީސް އިޝާރާތް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އޭރު ކެބިނެޓުގެ ބައެއް ވަޒީރުން އެދިވަޑައިގެންނެވުމުން، ޖަލުގައި ތިއްބެވި ބޭފުޅުންގެ ހާލު ބައްލަވާލެއްވުމަށް ވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ. އެ ބޭފުޅުން ތިއްބެވީ ހަމަ ކުޑަގޮޅީގައި، ނޫނީ ވަރަށް ހާލުގައި. މިއީ އަޅުގަނޑު އަމިއްލައަށް ތަޖުރިބާ ކުރި ކަންތައް،" ޖަލުގައި ބަންދުކޮށްފައި ތިއްބެވި ބޭފުޅުންގެ ހާލަތު ސިފަކުރައްވަމުން ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދުލުވެރިކަމާއެކު ވެރިކަން ކުރުމަށްޓަކައި ޝަރުއީ ދާއިރާ އޮންނަންޖެހޭނީ ފުރިހަމައަށް މިނިވަންވެފައި ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި 17 ނޮވެމްބަރު 2023 އިން ފެށިގެން ޝަރުއީ ދާއިރާއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ކޯޓުތަކުގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބަޖެޓުގެ މައްސަލަތައް ހައްލުކޮށްދީ، މަސައްކަތް ހުއްޓިފައި އޮތް ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ އާ އިމާރާތުގެ މަސައްކަތް ވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ގައުމުގައި އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށާއި، ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ގާނޫނުއަސާސީއާއި ގާނޫނުތައް ތަންފީޒުކުރުންމަތީ ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ތާއިދާއެކު ކަމަށްވާއިރު، ޔާމީން މިނިވަންކުރުމަކީ ކެމްޕޭންގެ އެންމެ މުހިންމު އެއް ވައުދެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޔާމީން މިނިވަންކުރުމަކީ ހަމައެކަނި ކޯޓުތަކަށް ކުރެވޭނެ ކަމެއް ކަމަށާއި، ކޯޓުތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ. މި މައްސަލައިގައި ޔާމީނާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ރައީސް މުއިއްޒަށް ވަނީ އަމާޒުވެފައެވެ.