ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްކުރާ ނެޓްވޯކެއް އަތުލައިގެންފި: 3.8 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް

އަތުލައިގަތް ފައިސާތައް ފުލުހުން ދައްކާލަނީ
އަތުލައިގަތް ފައިސާތައް ފުލުހުން ދައްކާލަނީ ފޮޓޯ: ފުލުހުން

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އަތުލައިގަނެފައިވަނީ ކަޅު ބާޒާރުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހިނގާ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ހަ މީހުން ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ. އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާއިރު، އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިންގ ޕައުންޑް ހިމެނެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަހުގީގަށް އެ ފައިސާތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ހައްޔަރުކުރި ހަ މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރަމުންދާ ބިދޭސީންގެ އިތުރު 12 މައްސަލައެއްވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް، މިހާތަނަށް 27 މީހަކާއި، 16 އޮންލައިން ޕޯޓަލް އަދި 4 ތަނެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާއިރު، އެހެން މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ބިދޭސީ ނެޓްވޯކެއް މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރުމުގެ ހުއްދަ ނެތި އެ މަސައްކަތް ކުރަމުންދިޔަ ކުންފުންޏެއްގެ އޮފީސްވެސް މި މަހުގެ 1 ވަނަ ދުވަހު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ