އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިމޭނެ: އެމްޓީސީސީ

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އެމްޓީސީސީ
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އެމްޓީސީސީ

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދާ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި ފަހަރު މި މަސައްކަތް ކުރިއަށްގެންދަނީ ދެ ފަށަލައަކަށް ތާރު އަޅާ ގޮތަށެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ސެގްމަންޓުގައި ހިމެނޭ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް ފުރަތަމަ ފަށަލައިގެ ތާރު އެޅުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމާފައެވެ. އަދި ދެވަނަ ފަށަލައިގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ތާރު އަޅައި ނިމުމުން، މަގުގެ ނިޝާންތައް ކުރަހައި ނިމުމާއެކު އެ ސަރަހައްދު އާންމުންނަށް ހުޅުވާލާނެއެވެ.

އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން، އެ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމުމުން، ދެވަނަ ސެގްމަންޓުގެ ގޮތުގައި ހިމެނޭ އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. މި ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، މީގެ ކުރިން އަމީނީ މަގުގައި އެޅި ތާރުގަނޑު އަވަހަށް ހަލާކުވާން މެދުވެރިވީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ. ހާއްސަކޮށް އެ ސަރަހައްދަކީ ބޮޑެތި ބަސްތައް ދަތުރުކުރާ މަގަކަށް ވުމާއި، ރާއްޖޭގެ ހޫނުމިން މަތިވުމަކީ ވެސް ތާރުގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރި ސަބަބުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ