8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި

ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. ފޮޓޯ: ރާއްޖެ އެމްވީ
ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. ފޮޓޯ: ރާއްޖެ އެމްވީ

މިއަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އޯލެވެލް) އަދި ހަޔަރ ސެކަންޑަރީ ސެޓްފިކެޓް (އެޗްއެސްސީ) އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު ފެށި މި އިމްތިޙާނުތައް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ އޯލެވެލް އަދި އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެއެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވާނެއެވެ. މާލޭ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިޙާނު ހަދަމުންދާއިރު، އަތޮޅުތަކުގެ 242 ސެންޓަރެއްގައި 2،869 ދަރިވަރުން އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެ ބަދަލުގެ ދަށުން، އިމްތިޙާނު ހަދާ ހުރިހާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވާންޖެހެއެވެ. އަދި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު (މެތަމެޓިކްސް) އެވެ.

މީގެ އިތުރުން، ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއެކު، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު ކިޔެވުން ފަށައި، ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ދިމާވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ މީގެ ކުރިން އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް އޮތް އުސޫލު އިސްލާޙުކޮށް ގެނައި ބަދަލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ