"އާރުވެރި" މެޗިންގް ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު މިރޭ ހަމަވަނީ

މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ
މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމަށް ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު މިރޭ މެންދަމު 12:00 އަށް ހަމަވާނެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށެވެ.

މި ސްކީމަށް ޝަރުތުހަމަވާ ފަރާތްތަކުން މިރޭ 11:59 ގެ ކުރިން ރަސްމީ "އާރުވެރި މެޗިން ގްރާންޓް ޕޯޓަލް" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ކުރިއަށްގެންދާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް މާލީގޮތުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ސްކީމްގެ ދަށުން ހޮވޭ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ސްކީމްގެ ދަށުން ހާއްސަ ހަތް ދާއިރާއަކަށް އިސްކަންދެވިފައިވެއެވެ. އޭގެ ތެރޭގައި މަސްވެރިކަމުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަން ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، މެރިކަލްޗަރ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.

މި މަސައްކަތަކީ މަސްވެރިކަމާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއެކު ކުރިއަށްގެންދާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ހަރަކާތެކެވެ. ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމާއި ރާއްޖޭގެ މަސްވެރިކަމުގެ ވާދަވެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު ފެށި މި މަޝްރޫއަކީ 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ތާވަލުކޮށްފައިވަނީ 2030 ވަނަ އަހަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ