މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދާއި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް އަބްދުލްވައްހާބުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއަށް 18 އެއާކޮންޑިޝަން (އޭސީ) ޔުނިޓު ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. މި ތަކެތި ގަނެފައިވަނީ ކުންފުނީގެ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި އޭސީތައް ގަނެފައިވަނީ އެއްވެސް އިއުލާނެއް ކުރުމެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތިއެވެ. މީގެ އިތުރުން، މި ތަކެތި ގަނެފައިވަނީ ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން އޮންނަ ވިޔަފާރިއަކުން، ބާޒާރުގެ އަގަށްވުރެ މާ ބޮޑު އަގުތަކެއްގައެވެ. މިގޮތުން 18 އޭސީ ގަތުމަށް 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.