ރާއްޖެއިން ބޭރަށް ކައްޗަލަ (ހުއިފިލަނޑާގެ ބާވަތެއް) އެކްސްޕޯޓްކުރުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތަށް 7 ފަރާތަކަށް ކޯޓާ ދޫކޮށްފި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިގޮތުން ޖުމްލަ 10.95 ޓަނުގެ ހިއްކި ކައްޗަލަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.
ކައްޗަލައަކީ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) ގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތެކެވެ. ނޮވެމްބަރު 2022 ގައި ބޭއްވި ސައިޓީސްގެ 19 ވަނަ ކޮންފަރެންސްގައި މި ބާވަތް ޖަދުވަލުގައި ހިމަނައި، އެކަމަށް ތައްޔާރުވުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، 25 މޭ 2024 އިން ފެށިގެން މި ނިންމުމަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. އެހެންކަމުން، މި ބާވަތް އެއް ޤައުމުން އަނެއް ޤައުމަށް ގެންދެވޭނީ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.
މި ހުއްދަ ދޫކުރުމުގައި ބަލަނީ ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ތައްޔާރުކޮށްފައިވާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަށެވެ. މި ރިޕޯޓުގައި ކައްޗަލަ ނެގޭނެ މިންވަރާއި އޭގެ އާބާދީއަށް ގެއްލުން ނުވާނެ ގޮތަށް ދެމެހެއްޓެނިވި އުސޫލުން މަސްވެރިކަން ކުރާނެ ހަމަތައް ކަނޑައަޅާފައިވެއެވެ.
މި ފަހަރު ކައްޗަލަ އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ދީފައިވާ 7 ފަރާތަކީ:
- އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
- އެސްއެމް އިންވެސްޓްމަންޓް
- މަލަކް އިންވެސްޓްމަންޓް
- ވިލިނގިލި ފިޝް ވިލެޖް
- ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑ
- ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
- ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މި ކޮންމެ ފަރާތަކަށްވެސް އެކްސްޕޯޓް ކުރުމަށް ދޫކޮށްފައިވަނީ 860 ކިލޯގެ ކޯޓާއެކެވެ. ކޯޓާ ދޫކުރުމުގެ އުސޫލުގައިވާ ގޮތުން، ކަނޑައެޅިފައިވާ ޖުމްލަ ކޯޓާގެ 55 އިންސައްތަ ބަހާލާނީ ޝަރުތުހަމަވާ އެކްސްޕޯޓަރުންގެ މެދުގައެވެ. އަދި ބާކީ 45 އިންސައްތަ ބަހައްޓާނީ ރިޒާވް ކޯޓާގެ ގޮތުގައެވެ.
ޝަރުތު ހަމަވާ އެކްސްޕޯޓަރުންނަށް ދޫކުރާ ވަކިވަކި ކޯޓާގެ މަދުވެގެން 95 އިންސައްތަ އެކްސްޕޯޓްކޮށް ނިމުމުން، ރިޒާވް ކޯޓާގެ ތެރެއިން އިތުރު 1.5 ޓަނާ ހަމައަށް ކޯޓާ ހޯދުމަށް އެދި ހުށަހެޅިދާނެއެވެ. މީގެ އިތުރުން، ޝަރުތުހަމަވާ އެކްސްޕޯޓަރުންނަށް އެފަރާތަކަށް ލިބިފައިވާ ކޯޓާ އެއްކޮށް ނުވަތަ އޭގެ ބައެއް އެހެން އެކްސްޕޯޓަރަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް އޮވެއެވެ.