އަންނަ ރަމަޟާން މަހުގެ ދަނޑުވެރިންގެ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

e544c2802dc3290a32c84aaf432f5a2b

އަންނަ އަހަރުގެ ރަމަޟާން މަހު މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "ދަނޑުވެރިންގެ ބާޒާރު" ގައި ތަކެތި ވިއްކުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ދަނޑުވެރިންނަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބާޒާރުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެކަން އެންގުމަށް ވަނީ އެދިފައެވެ. މިކަމާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަންނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ހަދާ މި މާރުކޭޓު ގާއިމުކުރާނެ ވަކި ތަނެއް ކަނޑައަޅާނީ، ބައިވެރިވުމަށް ނަން ހުށަހަޅާ ރަށްތަކުގެ އަދަދަށް ބެލުމަށްފަހުގައެވެ.

މާލޭގެ ހާބަރު ސަރަހައްދުގައި ކުރިން ކެފޭ ހިންގި އިމާރާތުގައި މިއަހަރު ފެށި މި ބާޒާރަކީ ރަށްރަށުން މާލެއަށް ގެންނަ ދަނޑުވެރިކަމުގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމަށް ހުޅުވި ތަނެކެވެ. މިއަހަރުގެ ރަމަޟާން މަހުވެސް މި ބާޒާރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް-ޖީއޭޕީ) ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް މިއަހަރުގެ ބާޒާރުގައި ވިއްކާފައިވެއެވެ.

މި މާރުކޭޓު ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، ބާޒާރުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. މީގެ އިތުރުން، މި މާރުކޭޓުގެ އެއްވެސް ސްޓޯލެއްގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާކަމެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ