ދ. ކުޑަހުވަދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލޭ ދަފްތަރު ނަންބަރު ދރ 1384، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ދ. ކުޑަހުވަދޫ، ފްރެންޑްލީ، ނިހާލް ނަސީމް (30އ) ގެ އިތުރުން އެ ރަށު މާވެޔޮ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ. މި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ މީހުން ހައްޔަރުކުރީ އެ ރަށުގެ ހޮޓަލެއްގެ ތެރޭގައި ތިއްބައެވެ. އެ މީހުން ތިބި ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.