ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

މީރާއިން ހިދުމަތްދެނީ، ފޮޓޯ: މީރާ
މީރާއިން ހިދުމަތްދެނީ، ފޮޓޯ: މީރާ

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކަނޑައެޅިފައިވާ މުއްދަތުގައި ދައްކާފައިނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ. މީރާއިން ހާމަކުރި ގޮތުގައި މި ލިސްޓުގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކާ ހުރި ފަރާތްތަކެވެ.

މި ފަރާތްތަކުގެ ނަންތައް ހާމަކޮށްފައިވަނީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާ އުސޫލު" ގެ ދަށުންނެވެ. މީރާއިން ބުނި ގޮތުގައި މި މައުލޫމާތު އާންމުކުރުމުގެ ކުރިން، ޓެކްސް ނުދައްކާ ހުރި ފަރާތްތަކަށް ފޯނާއި ކުރު މެސެޖު (އެސްއެމްއެސް) މެދުވެރިކޮށް ތަކުރާރުކޮށް ހަނދާންކޮށްދީފައިވެއެވެ. އަދި ޓެކްސް ނުދެއްކުމުން އެޅޭނެ ގާނޫނީ ފިޔަވަޅުތަކާއި އަދަބުތައް ވެސް އެ ފަރާތްތަކަށް ކުރިން ސާފުކޮށްދީފައިވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދައްކައި ހަލާސްކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ