ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޝެއިޚް އަޙްމަދު އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ޔޫއޭއީގެ ވެރިޔާ އަށާއި އެ ޤައުމުގެ ޝާހީ އާއިލާއަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ވަނީ ފޮނުއްވާފައެވެ. އަދި މަރުޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.
އުމުރުފުޅުން 76 އަހަރުގައި އަވަހާރަވި ޝެއިޚް އަޙްމަދު ބިން ރާޝިދަކީ ޔޫއޭއީގެ ސަރުކާރާއި އިދާރީ ދާއިރާތަކުގެ ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޔޫއޭއީގައި ހިތާމަފާޅުކުރުމުގެ 10 ދުވަސް ވަނީ އިޢުލާނުކޮށްފައެވެ.