ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މާލޭގެ މަގެއްގައި ބިދޭސީ މަސައްކަތްތެރިންތަކެއް
މާލޭގެ މަގެއްގައި ބިދޭސީ މަސައްކަތްތެރިންތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު އަސަދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކޯޓާ ފީ އާއި އެކި ބާވަތުގެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ ދައުލަތަށް ލިބިފައެވެ.

މި ފައިސާ ހޯދުމަށްޓަކައި އެކްސްޕެޓް ސިސްޓަމްގެ ތެރެއިން މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އަސަދު ފާހަގަކުރެއްވިއެވެ. އެގޮތުން ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށް ސިސްޓަމުން ދޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހިފައިވާ ކުންފުނިތަކަށް ލުއިދިނުމުގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. ބިދޭސީންގެ ފީތައް ހޯދުމުގެ މި މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކޮށް، ވަނަވަރު ނޭނގޭ ބިދޭސީންގެ ނިސްބަތް އެއް އިންސައްތައަށް ތިރިކުރުމުގެ ކާމިޔާބީ ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ