އދ. ގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ އުސޫލުތަކުގެ މަތީގައި: ޚާރިޖީ ވަޒީރު

ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ފޮޓޯ: ޚާރިޖީ ވުޒާރާ
ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި އެކަމަނާ ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އަބަދުވެސް އިވޭނީ އުސޫލުތަކަށް ބޯލަނބާ، ބިނާކުރަނިވި ޤައުމެއްގެ ގޮތުގައި ކަމަށެވެ.

މީގެ 61 އަހަރު ކުރިން ރާއްޖެއިން އދ. އާ ގުޅުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިނިވަން، މުސްތަޤިއްލު އަދި ސިޔާދަތީ ހަމަހަމަކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ކަށަވަރުވެގެންދިޔަ ތާރީޚީ ނިންމުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަ ދަހަރަށްވުރެ ދިގު މުއްދަތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އދ. ގެ މެންބަރުކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ޙައްޤުތަކާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އދ. އަކީ މުހިންމު މަންސައެއްކަން ފާހަގަކުރައްވަމުން، މާލޭ ޑެކްލަރޭޝަނާއި އެއޯސިސް އުފެއްދުމުގައި ރާއްޖެއިން އަދާކުރި އިސް ދައުރަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން 'އަބާސް' އެޖެންޑާ ތަންފީޒުކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް ވަޒީރުގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.

މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ދަށުން ވެފައިވާ ވަޢުދުތައް ޢަމަލީގޮތުން ތަންފީޒުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ދަރަނި މެނޭޖުކުރުމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ބައިނަލްއަޤްވާމީ މާލީ ނިޒާމެއް ޤާއިމުކުރުމަކީ ހަމައެކަނި ޤަރާރުތަކަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ޢަމަލީ އިޞްލާޙީ ބަދަލުތަކަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލެއްވީ، ޤައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އިންޞާފާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި ވޭތުވެދިޔަ 61 އަހަރުގެ ތެރޭގައި ރާއްޖެއާއެކު ސާބިތުވެ ތިއްބެވި އދ. ގެ ނިޒާމަށާއި ބައިވެރިވާ ޤައުމުތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ