ރަސްމާލޭގެ ބިންތައް ވިއްކާލި ކަމަށް ދެކެވޭ ވާހަކަތައް މާލީ ވަޒީރު ދޮގުކުރައްވައިފި

ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ރަސްމާލޭގައި ތަރައްޤީކުރާ ބިޔަ މަޝްރޫޢަށް އެއްވެސް ބިމެއް ވިއްކާލާފައި ނުވާނެ ކަމަށާއި، އެތަނުން ބިން ދޫކޮށްފައިވަނީ ކުލީގެ އުޞޫލުން ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރެއް ކަމަށްވާ "އީގަލް ހިލްސް" ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވަނީ 20 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޭރުގެ ފަރާތަކުން ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ނަމަވެސް، މި މަޝްރޫޢާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ހަޤީޤަތް އޮޅުވާލުމަށްޓަކައި ރަސްމާލޭގެ ބިންތައް ވިއްކާލި ކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ބިންތައް 99 އަހަރަށް ކުއްޔަށް ދޫކޮށްގެން އިންވެސްޓްމަންޓްތައް ހިންގާ ފަދައިން، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީވެސް އެފަދަ ކުލީގެ އެއްބަސްވުމެއް ކަމަށެވެ. ދިވެހީންގެ ބިންތައް ޙިމާޔަތްކޮށް، ބޭރުގެ އެއްވެސް ބަޔަކަށް ބިން ވިއްކާނުލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވަޢުދުފުޅުކަން ފާހަގަކުރައްވަމުން، ސަރުކާރުން އެ ސިޔާސަތު އެންމެ ފުރިހަމައަށް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި މި މަޝްރޫޢުގެ ޙަޤީޤީ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހީންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. އަދި މަޝްރޫޢު އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މަޝްރޫޢުގެ މުޅި މުއްދަތުގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިޤްތިޞާދަށް ވަންނާނެ ކަމަށް ބެލެވެއެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ ވަރުގަދަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ