މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށް، މިއަދު މަސް ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށައިފިއެވެ. މިއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުތަކަށް މަސްވެރިކަން އާންމުގޮތެއްގައި ދަށް ދުވަސްވަރެކެވެ. ނަމަވެސް ބައިނަލްއަގުވާމީ ބާޒާރުގައި މަހަށް އޮތް ޑިމާންޑް އިތުރުވުމާއި، މަހަށް ލިބޭ އަގު ރަނގަޅުވަމުން ދިއުމާ ގުޅިގެން މަސްވެރިންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ ގޮތުން އަގަށް މި ބަދަލު ގެނައީއެވެ. އެންމެ ފަހުން މިފްކޯއިން މަހުގެ އަގަށް ބަދަލު ގެނެސްފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު މަހުގެ އަގު ވަނީ 20 ރުފިޔާއިން 21 ރުފިޔާއަށް މަތިކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުން ފެށިގެން މިފްކޯއިން ދަނީ މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ޖޫން މަހު މަހުގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އެ މަހުގެ ތެރޭގައި އަގު 20 ރުފިޔާއަށް މަތިކުރިއެވެ. މިފްކޯއިން މިހާރު މަހުގެ އަގު ކަނޑައަޅަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް "ފްލޯޓިން ޕްރައިސް" އުސޫލުންނެވެ. މީގެ ކުރިން ވަކި އަގެއްގައި ހިފަހައްޓައިގެން މަސް ގަތުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިހާރު ގެންގުޅޭ އުސޫލުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
މަސްވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިފްކޯއިން ފާހަގަކުރެއެވެ. މީގެ ތެރޭގައި މަހުގެ ކޮލިޓީ ހިފެހެއްޓުމާއި، ކޯލްޑް ސްޓޯރޭޖްތަކުގެ ޖާގަ އިތުރުކުރުމާއި، އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފޮނުވުން ހިމެނެއެވެ.
މިއަދުން ފެށިގެން މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން އާ އަގުގައި މަސް ގަންނަމުންދާނެއެވެ.