މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެސްޓް ޕާކް ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ވެސްޓް ޕާކް ސަރަހައްދުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މަގު ބަންދުކުރުމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ވެސްޓް ޕާކް ސަރަހައްދަކީ ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ އެއް ސަރަހައްދެވެ. އެހެންކަމުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހަދައި ނިންމާފައެވެ. އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، ތާރުއަޅައިގެންނެވެ. މީގެ އިތުރުން އެ ސަރަހައްދުގައި 500 ސައިކަލުގެ ޕާކިން ޒޯނެއް ވެސް ވަނީ ހަދާފައެވެ.
މި މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ތަރައްގީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަހައްދެވެ. އެމްޕީއެލް ސަރަހައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ ސަރަހައްދަކަށް ވެފައި، މަގުގައި އެންމެ ބޮޑަށް އަޑިގުޑަން ހުރި ސަރަހައްދު ކަމުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.
ސަރުކާރުގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމެވެ.