ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ. މިއީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ބައްޔާ ގުޅިގެން އެ އިދާރާއިން އާންމުންނަށް ސަމާލުވުމަށް އެންގި ދެވަނަ ފަހަރެވެ.
އެޗްޕީއޭއިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަތް ސާފުކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ފެނާއި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އަލާމާތްތައް ފެންނަ ކުދިން ސްކޫލަށް ނުފޮނުވުމަށާއި، ވަޒީފާއަށްދާ މީހުން ވެސް އަލާމާތްތައް ރަނގަޅުވާތާ 24 ގަޑިއިރު ވަންދެން ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ގޭގައި ފަރުވާދެމުންދާއިރު ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް މާ ބޮޑަށް ވަރުދެރަވުމާއި، ދިޔާތަކެތި ބޭނުން ނުކުރެވުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
މި މަހުގެ ހަވަނަ ދުވަހު ވެސް އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމުގެ ބަލިތަކަށް ސަމާލުވުމަށް އިލްތިމާސެއް ކޮށްފައެވެ. އާންމުގޮތެއްގައި ސްކޫލު ބަންދު ދުވަސްވަރާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި މިފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެ އިދާރާއިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.