ޢިލްމީ ދިރާސާތައް ކުރިއެރުވުމަށް އައިޔޫއެމްއިން 870،000 ރުފިޔާގެ ގްރާންޓްތަކެއް ހުޅުވާލައިފި

އައިޔޫއެމްގެ ގްރާންޓް އަދި ފަންޑިންގ ސްކީމްތައް އިޢުލާން ކުރުމުގެ ތެރެއިން ފޮޓޯ: އައިޔޫއެމް
އައިޔޫއެމްގެ ގްރާންޓް އަދި ފަންޑިންގ ސްކީމްތައް އިޢުލާން ކުރުމުގެ ތެރެއިން ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ދިރާސީ އަދި ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ޖުމުލަ 870،000 ރުފިޔާގެ ފަސް ގްރާންޓް ސްކީމެއް ތަޢާރަފުކޮށް، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްއިން މިއަހަރަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އައިޔޫއެމްއިން ހާމަކުރި ގޮތުގައި މި ފަންޑުތައް ހުޅުވާލުމުގެ މައިގަނޑު ބޭނުމަކީ ޔުނިވަރސިޓީގެ ދިރާސީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢަށް ފައިދާހުރި ދިރާސާތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެކަޑަމިކް މުވައްޒަފުންނާއި ދަރިވަރުންގެ ޢިލްމީ ތަޖުރިބާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ފަހަރު ހުޅުވާލާފައިވާ ފަސް ސްކީމަކީ:

  • އައިޔޫއެމް ރިސާރޗް ޕްރޮމޯޝަން ސްކީމް 2026: މިއީ މުޖުތަމަޢަށް ފައިދާހުރި ޢިލްމާއި އައު ޚިޔާލުތައް އުފެއްދުމަށާއި ދިރާސާތައް ޝާއިޢުކުރުމަށް ހިތްވަރުދިނުމަށް ދޭ 400،000 ރުފިޔާގެ ސްކީމެކެވެ. މީގެ ދަށުން ކޮންމެ ގްރާންޓަކަށް އެންމެ ގިނަވެގެން ދޫކުރާނީ 75،000 ރުފިޔާއެވެ.
  • އައިޔޫއެމް އިނޮވޭޝަން ސްކީމް 2026: މުޖުތަމަޢަށް ހެޔޮ އަސަރުކުރާނެ ފަދަ އީޖާދީ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް ހުޅުވާލާފައިވާ މި ސްކީމަށް 200،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕްރޮޖެކްޓަށެވެ.
  • ފޮތް ޝާއިޢުކުރުމުގެ ފުރުސަތު 2026: ޔުނިވަރސިޓީއަށް ބޭނުންވާ ފޮތްތައް ތަރުޖަމާކުރުމާއި، ތަޞްނީފުކުރުމާއި ޝާއިޢުކުރުމަށް ދޭ 100،000 ރުފިޔާގެ މި ސްކީމުން ފޮތަކަށް 10،000 އާއި 40،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.
  • އައިޔޫއެމް ޕޯސްޓް ގްރެޖުއޭޓް ރިސާޗް ގްރާންޓް ސްކީމް 2026: ރިސާޗް މޯޑަށް ކިޔަވާ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންނަށް ޚާއްޞަ މި ސްކީމަށް 50،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ޕްރޮޖެކްޓަކަށް އެންމެ ގިނަވެގެން ދެވޭނީ 12،500 ރުފިޔާއެވެ.
  • އައިޔޫއެމް ކޮންފަރެންސް ޓްރެވަލް ގްރާންޓް 2026: ޔުނިވަރސިޓީގެ މުވައްޒަފުން އެކި ކޮންފަރެންސްތަކުގައި ބައިވެރިވެ ކަރުދާސް ހުށަހެޅުމަށް ދޭ މި ސްކީމުގެ ދަށުން ކޮންމެ ކޮންފަރެންސަކަށް އެންމެ ގިނަވެގެން 25،000 ރުފިޔާ ދޫކުރާނެއެވެ.

މި ގްރާންޓްތަކުގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް އެންޑް ފައިނޭންސް، ހިއުމަން ސައިންސް، ޤާނޫނު، ޢަރަބި ބަސް، ޓެކްނޮލޮޖީ، ލެންގުއެޖް އެންޑް ލިންގުއިސްޓިކްސް، ތަޢުލީމީ ދާއިރާ އަދި ސަރުކާރުގެ އިޞްލާޙީ ސިޔާސަތުތައް ހިމެނެއެވެ. މި ސްކީމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ ގޫގުލް ފޯމުތައް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ