މަޖީދީމަގު ސުލްޠާން ޢާދިލް މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް އަޅަން ހަވާލުކޮށްފި

މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މާލޭގެ މަޖީދީމަގުގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި ޒަމާނީ އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މާޒިޔާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަލަށް ބިނާކުރާ މިސްކިތަކީ ޖުމްލަ 390 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށް، ޓެރަހަކާވެސް އެކުގައެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގެ ތެރެއިން ކޮންމެ ފަންގިފިލާއެއްގައި 157 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޖީދީމަގު ހީނާމާގެ ޕާކިން ސަރަޙައްދު ކައިރީގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލްއަކީ ޢާންމުކޮށްވެސް އަދި ޚާއްޞަކޮށް ހުކުރު ދުވަސްތަކާއި ރަމަޟާން މަހުގެ ނަމާދު ވަގުތުތަކުގައި ވަރަށް ބޮޑަށް ފުރިބާރުވާ މިސްކިތެކެވެ. މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު މަގުމަތީގައި ސަފު ހަދައިގެން ނަމާދުކުރަން ޖެހުމުގެ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އައު މިސްކިތާއެކު މި މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާލެ ސިޓީގައި ހުރި ބައު މިސްކިތްތައް ތަޅާލައި، އެ ތަންތަނުގައި ޖާގަބޮޑު ޒަމާނީ މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތްތައް އަލުން ބިނާކުރުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. މިހާރުވެސް މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތަކާއި ދަޢުވާ ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެ އިތުރުން ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށާއި، ވިލިމާލޭގެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ބޮޑު މިސްކިތެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ. ހުޅުމާލޭގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި ހިނގާ ރިޔާސީ ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ