ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން އެ ގައުމުގެ ޝާހީ އާއިލާއަށާއި ސަރުކާރާއި ރައްޔިތުންނަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަގުތަކާއި އަހުވަންތަކަމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ސައުދީން ދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައުދީ އަރަބިއްޔާއަށް އިތުރު ހަމަޖެހުމާއި ތަނަވަސްކަމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.