ހަގީގީ ލީޑަރުންނަކީ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިތްވަރުގަދަ ބައެއް: މިނިސްޓަރ އިޙްސާން

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: މިނިސްޓްރީ
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: މިނިސްޓްރީ

ހަގީގީ ލީޑަރުންނަކީ ތިމާގެ ވަށައިގެން ތިބޭ މީހުންނަށް ރަނގަޅު ނަމޫނާ ދައްކާ، ހިތްވަރުގަދަ ބައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ "ވިމެން އިން ޕޮލިސިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން ފުލުހުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކާ، ހިތްވަރުގަދަ ލީޑަރުންނަށް ވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން، ލީޑަރުންނަކީ އަމިއްލަ ގާބިލުކަމާއި ނަފުސަށް އޮންނަ އިތުބާރުގެ ބޭނުން ހިފައި، ކަންކަމުގައި އިސްނަގާނެ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތްކުރާ އެންމެންނާ ގުޅިގެން، ހިޔާލު ބަދަލުކޮށްގެން ކަމަށާއި، މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަގާފަތެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން އަށަގެންނެވުމަކީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފައެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލި ހާއްސަ އުސޫލެއްގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ