ގްލޯބަލް ދުކާން މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދައިފި

441333_3_107cdb112be3fcbcb4b81044c7e82571ff94e97d_large

އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކޮށްގެން ރާއްޖެއަށް މުދާ ގެނެސްދޭ "ގްލޯބަލް ދުކާން" މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިއީ ދިވެހި ވިޔަފާރިވެރިންނާއި އާންމުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ގްލޯބަލް ދުކާނުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ރުފިޔާއިން ފައިސާ ބަލައިގަތުމަށް ނިންމި ނިންމުމަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލާއެކު، ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާނުވެ، ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ނިންމާލެވޭނެއެވެ. މިއީ ހާއްސަކޮށް އޮންލައިންކޮށް ތަކެތި ގަނެގެން ރާއްޖޭގައި ކުދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ.

މި ޕްލެޓްފޯމަކީ އިންޑިއާގެ މަގުބޫލު އެތައް އީ-ކޮމާސް ބްރޭންޑްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މާކެޓްޕްލޭސްއެކެވެ. އޭގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓު، ނައިކާ ފެޝަން އަދި އިކިއާ ފަދަ ބްރޭންޑްތައް ހިމެނެއެވެ. މި ތަންތަނުން ފެޝަން ސާމާނާއި، އިލެކްޓްރޯނިކްސް، ބަދިގެއަށް ބޭނުންވާ ތަކެތި އަދި ބިއުޓީ ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ގަނެވޭނެއެވެ.

މި ހިދުމަތް ބޭނުންކުރުމަށްޓަކައި ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން "ގްލޯބަލް ދުކާން" އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. ނުވަތަ ވެބްސައިޓް މެދުވެރިކޮށްވެސް ލޮގިން ވެވޭނެއެވެ. މި ބަދަލަކީ މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ދިވެހިންނަށް އޮންލައިން ވިޔަފާރީގެ ދާއިރާއިން ފަހިކޮށްދިން މުހިންމު ފުރުސަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ