މަސްވެރިކަމާއި ގުޅޭ

ޑައިވިންގ ނުކޮށް ބޯދި ހިފުން

ބޯއްޖަކީ ފަރުތަކުގެ ބޮޑެތި ގާތަކުގެ ކައިރީގައި އައިން ހަދައިގެން އުޅޭ އެމެކެވެ.

ބޯދި "މައި" ކޮށްގެން އުޅޭ ގާ ދޫކޮށް ނުދާނެއެވެ. ބޯއްޖަކީ ރޭގަނޑު ދިއްލައިގެން ހިފާ އެމުގެ ބާވަތްތައް ކަމުގައިވާ ރެހި، ހޮނޑެލި އަދި މިޔަރެން ގޮތަށް ތިލަވާ އެމެއް ނޫނެވެ. ދޮށީގެ މަސްވެރިކަމުގައި މައިގަނޑުކޮށް ބޭނުންކުރެވޭ އެމެއްގެ ގޮތުގައި ބޯދި ބޭނުން ކުރަންފެށުނީ ވައިފުޅި އަޅައިގެން ފީނައިގެން އެންދަމަން ފެށިފަހުންނެވެ. މިހާރު ޑައިވިންގ ކޮށްގެން އެންދަމާ މަސްވެރިންނަށް ބޯއްޖަކީ އެންމެ މުހިއްމު އެމެވެ. އެހެންނަމަވެސް ކުރީގެ މަސްވެރިންވެސް ބޯދި ހިފާއުޅުނެވެ. ތަފާތު ގޮތަކަށެވެ. މިހާރު ހިފާ މިންވަރަކަށްވެސް ނޫނެވެ.

ފިންސާއި މާސްކް ބޭނުންކޮށްގެން ފީނައިގެން އަޑިއަށްގޮސް ބޯދި ހިފުން އާންމުވީ 1990ގެ އަހަރުތަކުގައި ކަމަށް ބުނެވެއެވެ. ޑައިވިން ކޮށްގެން އެންދެމުން އާންމުވުމުގެ ކުރިން 2000ގެ ކުރީކޮޅުގައިވެސް ފީނައިގެން އަޑިއަށްދެވޭ ހިސާބުގައި ހުންނަ ގާތަކުން ބޯދި ހިފައި އުޅުނެވެ.

ފަރުކައިރީގައި ބޯދި އުޅޭ މަންޒަރު - ފޮޓޯ: މަސްވެރިން އެމްވީ

ފަސޭހައިން ލިބޭ އެން މަދު ދުވަސްތަކުގައި، އެން ނުހިފޭ ދުވަހު މަސްވެރިންދާނީ ފަރުތައް ބެލުމަށެވެ. ފަރުތަކުގެ ކައިރިއަށްގޮސް ދޯނީގެ ފަޅުވެރިން ފިންސާއި މާސްކް ޖަހައިގެން ދާނީ ފަރު ބަލާށެވެ. އާންމުކޮށް ފީނައިގެން އަޑިއަށްގޮސް އަތްލެވޭ ނުވަތަ އަޑީގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވޭހާ ފުންމިނުގައި ހުންނަ ގާތަށް ބަލަމުން ފަރުވަށާ ފަޅުވެރިން ފަތައެވެ.

ބޯދި އުޅޭ ގަލެއް ފެނުމުން، ދޯނި ކައިރިކޮށް ދޯނިން އިތުރު ފަޅުވެރިން އެންދަމާ ދާ (ބޯދި ހިފަން ޚާއްސަ ދަލެއް އާންމުކޮށް ކޮންމެ ދޯންޏެއްގައިވެސް އޮވޭ) ހިފައިގެން ފުއްމާލައެވެ. އެއިރު ގެންގުޅުނު ދަލުގެ ސައިޒަކީ އެވްރެޖްކޮށް 30-35 ވަރަކަށް ފޫޓެެވެ. ފަޅުވެރިން ދާހިފައިގެން ގޮސް ބޯދި "މައި"ކޮށްފައި ހުންނަ ބޮޑު ގަލުގެ މަތީގައި ފަތުރާލައެވެ. އެއިރުން ދާ އޮންނާނީ އެންގަނޑުމަތީގައެވެ. މިގޮތަށް ދާ ފަތުރާލުމަކީ ބުރަކަމެކެވެ. ފަޅުވެރިން ގިނައިން ފީނަންޖެހެއެވެ.

ދާ ފަތުރާ ނިމުމުން ފަޅުވެރިން ދެން މަސައްކަތް ކުރާނީ ބޯދިތައް ދަލުގެ ދަށުން ނެރެ، ދަލުގެ މަށްޗަށް އެރުވޭތޯއެވެ. މިގޮތަށް މަސައްކަތް ކުރުމުން، ބޯދިތައް ގާ ދޫކޮށް ފަތުރާފައި އޮންނަ ދަލުގެ އެކި ފަރާތްފަރާތުން ނުކުމެގެން ޖަމާވާނީ އެން "މައި"ކޮށްފައި ހުރި ބޮޑު ގަލުގެ މަށްޗަށެވެ. ބޯދިއައިން ނުކުމެ ގަލުގެ މަށްޗަށް ޖަމާވުމުން ހުރިހާ ފަޅުވެރިން އެކީގައި ދާނަގަން ފައްޓައެވެ. ބޯއްޖަކީ އެހާ ހަރަކާތްތެރި އެމަކަށް ނުވުމުން، ދަލުގެ މަށްޗަށް އަރާފައި ހުންނަ އެންގަނޑު ނަގަން ވަރަށް ފަސޭހަވެއެވެ. އެހެންނަމަވެސް ދާ ފަތުރާފައި އޮންނަ ސަރަހައްދުގެ ގާތަކުގައި ދާ އަޅައިގެނެ ހައްޔަރުވާފަހަރު އާދެއެވެ. މިގޮތަށް ދާ އަޅައިގަތުމުން، ގާތަކުން ދާ ނެއްޓުމަށްޓަކައި ފުނަށް އަޑިއަށްދެވޭ ޚާއްސަ ފަޅުވެރިއަކު ވަރަށް ސަމާލުވެގެން އޮންނާނެއެވެ.

މަސްދޯންޏަކުން ދުވާލު އެންދަމަނީ - ފޮޓޯ: މަސްވެރިން އެމްވީ

މިގޮތަށް "ބޯދިގަލުން" ބޯދި ނެގުމުގައި އިތުރުގޮތަކަށް މަސްވެރިން މަސައްކަތް ކޮށްފައިވެއެވެ. އެއީ ބޯދި ގަލުގެ މަތީގައި ދާ ފަތުރާފައި، ދާ ރަގަޅަށް ހައްޔަރުކޮށް (ކުރަވިތައް އައްސާ، ދަލުގެ އެކި ތަންތަނަށް ގާތައް އަރުވާ) ނިމުމުން އެދުވަހު ދާނީ ރަށަށެވެ. ދެން އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ ދާނަގަންދެއެވެ. މިހެން ހެދުމުން، ދެވަނަދުވަހު ދާ ނަގަން ދާއިރު ހުރިހާ ބޯއްޖެއް ހުންނަނީ ދަލުގެ މަށްޗަށް އަރައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!