ވ. ފުލިދޫގައި ފުލުހުންނާއި އެ އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލު ދެރަވި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރުއެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިންނެވެ. އެ ކުލާހުގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަން ދަނިކޮށް، އެ އަންހެންމީހާ ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ވަގުތުން ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ.
ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ރޭގަނޑު 18:14 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވި އަންހެންމީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.