ފޮރިން އިންވެސްޓްމަންޓްގެ އައު ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އައު އުސޫލުތަކަށް އަމަލުކުރުމަށް އެންގުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ގުޅަން މަސައްކަތްކޮށް ނުގުޅުނު ބޭރުގެ އަށް ކުންފުންޏެއްގެ މައުލޫމާތު އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ތަސްދީގުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން، ދިވެހިންނަށް އެކަނި ހާއްސަކޮށްފައިވާ ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ހުއްޓާލަން ޖެހެއެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރު ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ހިދުމަތްތައް ހިމެނެއެވެ.
މި ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލަން ޖެހޭނެއެވެ. މި އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ރެކޯޑުތަކުގައި ހުރި މައުލޫމާތުތަކަށް ބަލައި، އީމެއިލާއި ފޯނުގެ ޒަރީއާއިން ގުޅަން ކުރި މަސައްކަތުން ނުގުޅުނު ކަމަށް މިނިސްޓްރީން ހާމަކުރި އަށް ކުންފުންޏަކީ:
- މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0022/1994)
- އެސްލި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0266/1995)
- އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0217/1995)
- ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0017/1985)
- ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0375/1996)
- އެމްޔޫކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0079/1998)
- ލަކްގެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0201/1999)
- އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް (C-142/2000)
އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން ނުވަތަ ހުއްދަދީފައިވާ މަންދޫބުން ވީ އެންމެ އަވަހަކަށް އެ މިނިސްޓްރީގެ "އިންވެސްޓް މޯލްޑިވްސް" ގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ ގުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު އުސޫލުތަކަށް އަމަލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.