ސަރުކާރުގެ އެކި މަޝްރޫއުތަކަށް ބޭނުންވާ އަށް ސިވިލް އިންޖިނިއަރުން ހޯދުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިއުލާނުކޮށްފިއެވެ. މީގެ ތެރޭގައި ސީނިއާ އިންޖިނިއަރުންނާއި އެސިސްޓަންޓް އިންޖިނިއަރުން ހިމެނެއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުތަކުގައިވާ ގޮތުން، ކޯސްޓަލް ސެކްޝަނަށް ތިން ސިވިލް އިންޖިނިއަރުން ބޭނުންވެއެވެ. އޭގެ ތެރޭގައި އެސިސްޓަންޓް ސިވިލް އިންޖިނިއަރަކު ހިމެނެއެވެ. މީގެ އިތުރުން، ސްޓްރެޓީޖިކް ޕްރޮޖެކްޓްސް ސެކްޝަނަށް ދެ ސީނިއާ ސިވިލް އިންޖިނިއަރުންނާއި، ހައުސިން މަޝްރޫއުތަކާ ބެހޭ ސެކްޝަނަށާއި މަގުތަކާ ބެހޭ ސެކްޝަނަށް ސިވިލް އިންޖިނިއަރަކު ބޭނުންވެއެވެ. އަދި އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ސެކްޝަނަށް ވެސް ސީނިއާ ސިވިލް އިންޖިނިއަރަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
މި މަގާމުތަކުގެ މުސާރައަށް ބަލާއިރު، ސީނިއާ ސިވިލް އިންޖިނިއަރަކަށް މަހަކު 46,155 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 22,670 ރުފިޔާއާއި، މަގާމުގެ އެލަވަންސްގެ ގޮތުގައި ލިބޭ 12,985 ރުފިޔާގެ އިތުރުން ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭ 350 ރުފިޔާގެ އިނާޔަތް ހިމެނޭހެންނެވެ. އާދައިގެ ސިވިލް އިންޖިނިއަރެއްގެ މުސާރައަކީ 38,645 ރުފިޔާއެވެ. އަދި އެސިސްޓަންޓް ސިވިލް އިންޖިނިއަރަކަށް މަހަކު 26,070 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، މަގާމާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތައުލީމީ ފެންވަރު ހުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ހުންނަންޖެހެއެވެ. މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގެ ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެއެވެ.