މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ ފަންޑުގެ ދަށުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 5 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ފަންޑަކީ އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމަށް ބާރުއެޅުމަށާއި، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ހަމަޖެހުމަށް މަގުދައްކައިދޭނެ ފެންވަރު ރަނގަޅު ދިރާސާތައް ކުރިއެރުވުމުގެ މަގްސަދުގައި ގާއިމުކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ދަށުން ދެ ބާވަތެއްގެ އެހީއަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އަމިއްލަ މިނިވަން ދިރާސާތައް ކުރުމުގެ އެހީއާއި ފޮތް ލިޔުމުގެ އެހީއެވެ.
މި ފުރުސަތުގައި އަމިއްލަ ފަރުދުންނަށާއި، ތައުލީމީ އިދާރާތަކުގެ އިތުރުން ތިންކް ޓޭންކުތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެހީއަށް އެދި ހުށަހަޅާ ޓީމުތަކުގެ އިސްވެރިޔަކަށް ހުންނަ ފަރާތަކީ މަދުވެގެން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭއިރު، ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކުން ކުރިމަތިލުމަށް އެ އޮތޯރިޓީން ހާއްސަ އިސްކަމެއް ދެއެވެ.
މި އެހީ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެމްއެމްއޭގެ ލަނޑުދަނޑިތަކާ ގުޅުންހުރި އަދި ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށެވެ. އޭގެ ތެރޭގައި މަނިޓަރީ ސިޔާސަތު، މާލީ ދާއިރާގެ ވިލުންވެރިކަން، ޑިޖިޓަލައިޒޭޝަނާއި ފިންޓެކް، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގްތިސާދު، އިސްލާމީ މާލިއްޔަތު، ބޯހިޔާވަހިކަން، އަދި ސިއްހީ ދާއިރާއާއި ދައުލަތުގެ ހަރަދުތައް ހިމެނޭ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން އެހެން ދާއިރާތަކުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި ތައާރަފުކުރި މި ފަންޑުގެ ފުރަތަމަ ބުރު 2025 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، އެ ބުރުގައި ހަ ރިސާޗް ޕްރޮޕޯސަލަކާއި އެއް ފޮތް ލިޔުމުގެ ގްރާންޓް ދޫކޮށްފައިވެއެވެ. މިއަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެމްއެމްއޭގެ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.