މާލޭގެ ސޯސަންމަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާއަކީ އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި 21 އަހަރުގެ ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. މި ހާދިސާ ހިނގި ސަރަހައްދުން އާންމުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވި މީހުންގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބާފައިވާއިރު، މަގުމައްޗަށްވެސް ގިނަ އަދަދަކަށް ލޭ އޮހޮރިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.