ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ޤާއިމުކުރާ "ގްރީން ނާސަރީ" ގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖަނަވަރީ މަހު ފަށާފައިވާއިރު، މިހާތަނަށް މުޅި މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ނާސަރީއަކީ 55،000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެކެވެ. މި ތަނުގައި ލެބޯޓްރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ބަޔެއްގެ އިތުރުން ގްރީން ހައުސްއެއް ހިމެނޭނެއެވެ. މި މަޝްރޫޢު ނިމުމުން މީގެ މިލްކުވެރިކަން ނަގައިގެން ކުރިއަށްގެންދާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ފެހިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް 1 މިލިޔަން ގަސް އިންދުމަށް ވަނީ އަމާޒު ހިފާފައެވެ.
ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނާސަރީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ޤާއިމުކުރުމަށް ސޮއިކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ބުރުގެ 10 ރަށެއްގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ރ. އިންނަމާދޫގައި ތަރައްޤީކުރާ ނާސަރީގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދާއިރު، ބާކީ ހުރި ރަށްތަކުގެ ބިން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ނާސަރީތަކަކީ ސްކޫލު ކުދިންނަށް ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ފަރުމާކުރެވޭ ތަންތަނެވެ.