މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ބެލުމަށް މިއަހަރު ހަތަރު ސްޓޭޝަނެއް ގާއިމުކުރަނީ

3BB7C113-1BE2-460C-B9B1-94DA9D293718

މާލެ ސަރަހައްދުގެ ވައިގެ ސާފުތާހިރުކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން ހަތަރު ސަރަހައްދެއްގައި ވައިގެ ކޮލިޓީ މޮނިޓާކުރާ ސްޓޭޝަންތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ވައި ނުސާފުވުމުގެ މައްސަލަ މިދިޔަ އަހަރު ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ބޮޑުވެގެންދިޔަ ކަމަށެވެ. އެހެންކަމުން ވައިގެ ކޮލިޓީ ހުރި މިންވަރު ދެނެގަނެ، އެ މައުލޫމާތު މެދުނުކެނޑި އާންމުންނަށް ފޯރުކޮށްދެވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މިހާރުވެސް މާލޭގެ ގަލޮޅު ސަރަހައްދުގައި ވައިގެ ކޮލިޓީ ބަލާ ސްޓޭޝަނެއް ހުރިއިރު، އެ ތަނުން ވައިގެ މިންގަނޑުތައް އާންމުންނަށް ސާފުކޮށް ފެންނާނެހެން ދައްކަމުންދެއެވެ. މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސްޓޭޝަންތައް މިހާރުވެސް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ވިލިމާލެ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ލ. ގަން ހިމެނެއެވެ.

ރާއްޖޭގެ ވައިގެ ސާފުކަން ގެއްލި، ދުމުގެ އަސަރު ކުރުމުގެ މައްސަލަ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މާރިޗު މަހާ ހަމައަށް ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ސިއްހީ ގޮތުން ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ވައި ނުސާފުވާ ހާލަތްތަކުގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރެއެވެ. އަދި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ