ފެލިވަރުގެ އައު ކޯލްޑް ސްޓޯރޭޖް މަޝްރޫޢު ނިމުމަކާ ގާތަށް، ފިނިޝިންގ މަސައްކަތް ފަށައިފި

ޅ. ފެލިވަރުގައި ޤާއިމުކުރާ އައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: މނިސްޓްރީ
ޅ. ފެލިވަރުގައި ޤާއިމުކުރާ އައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: މނިސްޓްރީ

ޅ. ފެލިވަރުގައި ސަރުކާރުން ތަރައްޤީކުރަމުންދާ އައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ބޮޑު ބައެއް ނިންމާލައި، އެތަނުގެ ފިނިޝިންގ މަސައްކަތްތައް ފަށައިފިއެވެ. މަސްވެރިކަމުގެ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާއެވެ. އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު އާސިފް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އަދި ވަރަށް އަވަހަށް މެޝިނަރީތައް ކޮމިޝަން ކުރުމުގެ މަސައްކަތް ފެށޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ތިން އިމާރާތެއް ބިނާކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އިމާރާތަކާއި، 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމަކާއި 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ ހިމެނޭ އިމާރާތެއްގެ އިތުރުން، މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭނެ އައު ޕަވަރ ހައުސް އިމާރާތެކެވެ. މި ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ފެސިލިޓީއެވެ.

މި ވަސީލަތްތައް ޤާއިމުކުރަނީ ފެލިވަރު ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައެވެ. މަޝްރޫޢުގެ ދަށުން ތަރައްޤީކުރި އައު ބަނދަރުގެ މަސައްކަތް ނިމި، މަސް ކިރުމަށް ބޭނުންކުރާ ތިން ކްރޭންވެސް ވަނީ ހަރުކޮށްފައެވެ. މިފްކޯއިން ހާމަކުރާ ގޮތުގައި، މި ފެސިލިޓީ ހުޅުވުމުން އުތުރުގެ މަސްވެރިން މަސް ކިރުމަށް ގއ. ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް މިތަން ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ