މާތް ﷲ އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތަކީ ޞައްޙަ ޢަޤީދާގެ ނިއުމަތް ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ބިނާވެގެންވަނީ އެ ޢަޤީދާގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނީ، ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ހުރިހާ އަޅުކަންތަކާއި ހެޔޮ އަމަލުތަކުގެ ބިންގާ ކަމަށެވެ. އަދި މިއަދުގެ ޒަމާނީ ތަރައްޤީއާއެކު މާއްދީ ގޮތުން ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، އިންސާނުންގެ މެދުގައި ނުތަނަވަސްކަމާއި ހިތާމަ އިތުރުވަމުންދާ ކަމަށާއި، ހަގީގީ ހިތްހަމަޖެހުމާއި ސަލާމަތްތެރިކަން ލިބޭނީ ސާބިތު ޢަޤީދާއެއްގެ މަތީގައި ދެމިތިބެގެން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނި ގޮތުގައި، މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. އަދި ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން ޗާޖުކުރުމަށް އަވަސްވެގަންނަ ފަދައިން، މާތް ﷲ ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށްވާ ޞައްޙަ ޢަޤީދާ ބީވެގެން ހިނގައިދާނެތީ އެކަމާ މެދު ވިސްނައި ރައްކާތެރިވުމަށް ޚުޠުބާގައި އިލްތިމާސްކުރިއެވެ.
މީގެއިތުރުން، އިސްލާމީ ޢަޤީދާއަކީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ވާރުތަވާ ތަރިކައެއްގެ ގޮތުގައި ދެކި، އެ ނިއުމަތަށް އިހުމާލުނުވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. އަދި ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވުމަށްޓަކައި، ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ، އަންނަން އޮތް ޖީލުތަކަށް އެ އަމާނާތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.