ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމުން ރާއްޖޭގެ ވަފުދުން ބައްދަލުވުން ބޮއިކޮޓްކޮށްފި

އދ. ގެ ޢާންމު މަޖިލީހުގެ މާލަން

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމުން، އޭނާ ހިންގަމުންދާ ލޭއޮހޮރުވުންތަކާއި ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން ދިވެހިރާއްޖޭގެ ޑެލިގޭޝަނުން ބައްދަލުވުން ބޮއިކޮޓްކޮށް މާލަމުން ނުކުމެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ވަޑައިގެންނެވި ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ދިވެހި ވަފުދުގެ އެހެން މެންބަރުން ވެސް ވަނީ ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު ހޯލުން ނުކުމެވަޑައިގެންފައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ 70 އަށްވުރެ ގިނަ މަންދޫބުން ވެސް ވަނީ މި ތަޤުރީރު ބޮއިކޮޓްކޮށް މާލަން ދޫކޮށް ގޮސްފައެވެ.

ގިނަ އަދަދެއްގެ ޤައުމުތަކުގެ މަންދޫބުން މާލަން ދޫކޮށް ދިއުމާ ގުޅިގެން، ހޯލުގެ ބޮޑު ބައެއް ހުސްވެފައި ވަނިކޮށް ނަތަންޔާހޫ ތަޤުރީރު ކުރިއަށް ގެންދިޔައީ ނުރުހުމާއި ރުޅިވެރިކަމާއެކުގައެވެ. އޭނާގެ ވާހަކައިގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ދިފާޢުކޮށް ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން، ޤަޠަރާއި ތުރުކީއަކީ އިޒްރޭލާ ދެކޮޅު ޤައުމުތަކެއްގެ ގޮތުގައި ސިފަކޮށް، އެ ޤައުމުތަކަށް ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ބައްދަލުވުމާ ދިމާކޮށް ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ ދެއްކެވި ވާހަކަތަކަށް ވެސް ނަތަންޔާހޫ ވަނީ ރައްދު ދީފައެވެ. މަމްދާނީ ވިދާޅުވެފައިވަނީ ނަތަންޔާހޫއަކީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މުޖުރިމެއް ކަމަށާއި، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ