ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ވިލުންތެރިކަން އިތުރުކުރުން: ނައިބު ރައީސް

އދ. ގެ އާންމު މަޖިލީހުގެ ހަވާސާ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅު ދައްކަވަނީ
އދ. ގެ އާންމު މަޖިލީހުގެ ހަވާސާ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅު ދައްކަވަނީ

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި މޫސުމީ ބަދަލުތަކާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ނައިބު ރައީސް ވިދާޅުވީ، މީގެ ގާތްގަނޑަކަށް ހަތަރު ދަހަރު ކުރިން، 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި "މާލޭ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް" އިން ފެށިގެން ރާއްޖެއިން މި ނުރައްކަލުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭރު ދިން އިންޒާރުތަކަކީ މިއަދު މާ ބޮޑު އަދި ކުއްލި ނުރައްކަލަކަށް ވެފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) އިޤްތިޞާދަށާއި، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ޤައުމުތަކުގެ ސަރަޙައްދީ އިމާއި، ކަނޑުގެ ސަރަޙައްދުތަކުގެ ޤާނޫނީ ހައިސިއްޔަތު ރައްކާތެރިކޮށްދޭންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ބިމުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އައި ނަމަވެސް، ދައުލަތެއްގެ ސިޔާދަތާއި، އދ. ގެ މެންބަރުކަމުގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކުގައި ވިލުންތެރިކަން ހިމެނުމަށް ސަރުކާރުން އިސްކަންދޭކަން ހާމަކުރައްވަމުން، ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) ގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ޢަމަލީ ގޮތުން ދެއްކެވުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ