ސިނަމާލެ ބްރިޖުން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވައި ހައްޔަރުކޮށްފި

ސިނަމާލެ ބްރިޖު ސަރަހައްދު
ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކުރުމުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން ސަލާމަތްކުރި ބަންގްލަދޭޝް މީހާ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ބްރިޖު މަތިން ކަނޑަށް ފުންމާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އޭނާ ސަލާމަތްކުރުމަށްފަހު ކޯސްޓްގާޑުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ގާޒީ ނާޒިރު މުއައްޒަމިލް ވަނީ އޭނާ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ކުށެވެ.

އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭނާގެ ބަލިހާލަތު ރަނގަޅުވުމުން އަލުން ކޯޓަށް ހާޒިރުކުރުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ