ސޯސަންމަގު އެކްސިޑެންޓުގައި ނިޔާވި މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސޯސަންމަގުގައި ހިނގި އެކްސިޑެންޓާ ގުޅޭ ތަސްވީރެއް

މާލޭގެ ސޯސަންމަގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އާއިޝަތު މާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ނިޔާވި މާހިދާއަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާ ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، މާހިދާގެ އާއިލާއަށާއި އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރި ތައުޒިޔާ ވަނީ ރައްދުކުރައްވާފައެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާ ކުރެއްވިއެވެ.

މާހިދާ ނިޔާވުމާ ގުޅިގެން އިމިގްރޭޝަނުން ވެސް ވަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މާހިދާ ވަޒީފާއާ ގުޅުނީ މީގެ ނުވަ މަސް ކުރިން، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ކުރު މުއްދަތުގެ ތެރޭގައި އޭނާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަދާކުރި ދައުރު އެ އިދާރާއިން ފާހަގަކުރިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރު 22 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާއެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެކްސިޑެންޓުވި ސައިކަލު ދުއްވި މި ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ