ފަލަސްޠީނަށް އދގެ ފުރިހަމަ މެންބަރުކަން ދީ، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އދ ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އދ ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ

އދ. އަކީ އިތުބާރު ހިފޭ އަދި ހުރިހާ އެންމެންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާއަކަށް ހެދުމަށްޓަކައި، ފަލަސްޠީނަކީ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރަކަށް ހެދުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މިކަމަށް ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

ނައިބު ރައީސްގެ ތަގުރީރުގައި، އެހެން ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުން އަމިއްލަ ގައުމުގެ ސިޔާދަތަށް އިހުތިރާމްކުރުމަށް އެއްވެސް ގައުމަކަށް ނޭދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ބާރާއި އިއްތިހާދުތަކުގެ ސަބަބުން ޖަވާބުދާރީވުމުން އެއްވެސް ދައުލަތެއް ސަލާމަތްވެގެން ނުވާނެ ކަމަށާއި، ހަމައެކަނި ކުށްވެރިކުރުމަކުން ނުފުދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި އަނިޔާވެރިކަން ހުއްޓުވުމަށް ކުރެވުނީ ކޮން ކަމެއްތޯ ކޮންމެ މެންބަރު ގައުމަކުންނާއި އދ. އިން އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގާނޫނަކީ ހަމައެކަނި ނިކަމެތިންގެ މައްޗަށް ހިނގާ، ބާރުގަދަ މީހުން އިސްތިސްނާވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ހައްގުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ