މަސްވެރިކަމާއި ގުޅޭ

ދޮން ކަނޑުއުނިޔަ - ފޮޓޯ: މިއުޒިއަމް ވިކްޓޯރިއާ

ދޮން ކަނޑުއުނިޔަ

މިއީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި އަޑީގައި ވެލިހުންނަ ފުންސަރަޙައްދުތަކުގައި އުޅޭ މަހެކެވެ.

މިބާވަތުގެ މަސް އާންމުކޮށް އުޅޭ ފުންމިނަކީ 8 މީޓަރާއި 110 މީޓަރާ ދެމެދެވެ. މިމަސް އެންމެ ބޮޑުވަނީ 22.5 ސެންޓިމީޓަރަށެވެ. ދިވެހި މަސްވެރިކަމުގައި މިބާވަތުގެ މަސްބޭނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިއީ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މިއީ ރާއްޖެއިން އާންމުކޮށް ފެންނަ މަހެއްނޫންކަމުގައިވިޔަސް މަދުމަދުން މިބާވަތުގެ މަސް ބާނައިގެން މާލޭ މަސްމާރުކޭޓަށް ގެނެސްފައިހުރެއެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ. މިމަސްކައި އުޅެނީ ދުވާލުގެ ވަގުތުތަކުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ ކުލައަކީ މަޑު ފިޔާތޮށިކުލައެކެވެ. މަހުގެ މަތީބައިގައި ފަނޑުކޮށްހުންނަ 9 ގަޅި ހުރެއެވެ. މަހުގެ ނިގޫފަތާއި ކަންފަތްގަޑު ހުންނަނީ ފިޔާތޮށިކުލައިގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑް ކުރެވިފައިނުވާތީ މަހުގެ ކުލަވަރަށް ވިސްނާ މިމަހަށް "ދޮން ކަނޑުއުނިޔަ" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Fork-tailed threadfin bream

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!