ރަސްމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އިޤްތިޞާދީ މަޝްރޫޢުގެ ސަބަބުން، އެތަނުން އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫޢަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ދާއިރާގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، 1100 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ކުރިއަށް އޮތް 2 ނުވަތަ 3 މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. ބިން ހިއްކައި ނިމުމުގެ ކުރިން ޔުޓިލިޓީގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ކުރީކޮޅު އޭގެ އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރަސްމާލޭގައި ބޭރުގެ ކުންފުންޏަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ދިނުމުގެ ބޭނުމަކީ މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުން ދޫކުރަން ނިންމާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް ކެންސަލް ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ. ރަސްމާލެ ތަރައްޤީކުރުމަކީ 10 އަހަރުގެ ޕްލޭނެއް ކަމަށާއި، އެތަން ވެގެންދާނީ ތިމާވެއްޓާ ރައްޓެހި، ކާބަން ނިއުޓްރަލް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން އުޅެވޭނެ ޒަމާނީ ސްމާޓް ސިޓީއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.