ކ. މާފުށީގައި ކުރިއަށްދާ "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް ބޮޑު ތަރުހީބަކާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ. ފުރޮޅުފިލާ ކުލަބުން އިންތިޒާމުކޮށްގެން މާފުށީ ސްކޭޓް ޕާކުގައި ބާއްވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ކުލަބުން ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތާ ގުޅޭގޮތުން ފުރޮޅުފިލާ ކުލަބުގެ އެއް ފައުންޑަރު އާއިޝަތު ޝަފަގް (ޝަގާ) ބުނިގޮތުގައި، މިއަހަރުގެ މުބާރާތަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މާލެ އާއި މާފުށީގެ އިތުރުން އެކި އަތޮޅުތަކުން 90 އަށްވުރެ ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބ. ގޮއިދޫ އާއި މ. މުލީގެ އެތުލީޓުން ހިމެނެއެވެ. ވިއްސާރަވުމުގެ ސަބަބުން ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ގިނަ އަދަދެއްގެ ކުދިން ވަނީ މުބާރާތުގައި ބައިވެރިވުމަށް މާފުއްޓަށް ގޮސްފައެވެ.
ބައިނަލްއަގުވާމީ ޖަޖުންނާއެކު ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެ އެތުލީޓުންނަށް ދަތުރުފަތުރާއި ހުރުމުގެ ކަންކަން ހިލޭ ހަމަޖައްސައިދީފައިވާއިރު، މާލެއިން ދާ ފަރާތްތަކަށްވެސް ހިލޭ ފެރީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވި ކުދިން ބުނިގޮތުގައި، މިއީ އެކުދިންގެ ހުނަރުތައް ދައްކާލުމަށާއި ވާދަވެރި މާހައުލެއްގައި ތަޖުރިބާ ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ މުބާރާތްތަކެއް ބޭއްވުމަކީ އެކުދިންގެ އުންމީދެކެވެ.