ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމުތަކުގެ ގުޅުން ވަރުގަދަކުރަން ރާއްޖެއިން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި "ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް" (ޖީޑީއައި) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ޞިއްޙަތާއި ތަރައްޤީގެ ދާއިރާއިން ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. ޗައިނާ ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ މި އިނިޝިއޭޓިވްއަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮންނަ ބައިވެރިވުން ހަރުދަނާކޮށް، އެންމެންގެ ބައިވެރިވުން އެކުލެވޭ ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޖީޑީއައި ކުރިއެރުވުމަށް ޗައިނާއިން ކުރަމުންދާ މެދުކެނޑުމެއް ނެތް މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ދާއިމީ ގޮންޖެހުންތަކުން އަރައިގަތުމުގައި މިފަދަ އިސްނެގުންތަކުގެ ބޭނުންތެރިކަން ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފެންވަރުގައި ކުރިމަތިވަމުންދާ އިޤްތިޞާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ ދަރަނީގެ ސަބަބުން ޤައުމުތަކުގެ ތަރައްޤީއަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅެމުންދާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ނުރައްކާތައް ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް31 ބައްދަލުވުމަކީ މޫސުމީ ވައުދުތައް އަމަލީ މަސައްކަތަށް ބަދަލުކޮށްދޭ މުހިންމު މައިދާނަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި ސައިންސާއި، ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އީޖާދީ ވަސީލަތްތަކުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ޤާބިލުކަން އިތުރުކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި އިލްމާއި ހުނަރު ހިއްސާކުރުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކުރެއްވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ތަރައްޤީގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ