2027 ނޮވެމްބަރުގެ ކުރިން ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ: މިނިސްޓަރ ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު
އިކޮނޮމިކް މިނިސްޓަރު ސައީދު

ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއު، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެއް ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލް ޝެޑްތައް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސިޓީތަކެއް ހިމެނޭ ގޮތަށް، ހުރިހާ އަތޮޅަކުން މި ހިދުމަތް ފުރިހަމައަށް ލިބޭނެ އިންތިޒާމު 2027 ނޮވެމްބަރުގެ ކުރިން ގާއިމުކޮށް ނިންމުމެވެ. މިއީ މަސްވެރިންނާއި އިގްތިސާދީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހަރަދު ކުޑަކޮށްދީ، ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ލިބި، ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ