ރާއްޖޭގައި މިވަގުތު ހިމަބިހި (މީސެލްސް) ޖެހިފައިވާ އެކްޓިވް ކޭސްއެއް ނެތް ކަމަށާއި، ބަލީގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށި ފަހުން، މިހާތަނަށް ޖުމްލަ 282 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ވީނަމަވެސް، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ތެރޭގައާއި ބޭރުން އަންނަ މީހުންގެ ފަރާތުން މިފަހަރުގެ ކޭސްތައް ފެތުރެން މެދުވެރިވީ ކަމަށް ބެލެވެއެވެ.
ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ކެމްޕެއިންގެ ދަށުން މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ޔުނިސެފުން ވަނީ ރާއްޖެއަށް 28،000 ޑޯޒްގެ މީސެލްސް އެމްއާރް ވެކްސިން ހަދިޔާކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. ރާއްޖޭގައި 1983 ވަނަ އަހަރުން ފެށިގެން ގައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ތުއްތު ކުދިންނަށް ހިމަބިހީގެ ވެކްސިން ދެމުން އަންނައިރު، ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.