އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއަށް ބަދަލުކުރެވޭ ގޮތަށް އާ ޤަވާއިދެއް އެކުލަވާލައިފި

Thinadhoo-47-scaled

ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކުރުމާ ގުޅޭ އުޞޫލުތައް ހިމެނޭ "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދު" މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އެކުލަވާލައި ޢާންމުކޮށްފިއެވެ. މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގެ ބޭނުމަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އަދި އުވާލުމުގައި އެއް މިންގަނޑަކުން ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމެވެ.

މި ޤަވާއިދުގައިވާ ގޮތުން، ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހެޅިދާނެއެވެ. މީގެ އިތުރުން، ބޭރު ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވުމާއެކު، މަދުވެގެން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް މެދުކެނޑުމެއްނެތި 5 އަހަރު ވަންދެން ހިންގާފައިވާންޖެހެއެވެ. އަދި އެ ތަނެއްގައި ޑިގްރީ އާއި މާސްޓާސް ފެންވަރަށް ކިޔަވާ ދަރިވަރުންގެ އަދަދު 1،000 އަށްވުރެ މަދުވެގެން ނުވާނެއެވެ.

ޔުނިވަރސިޓީއަކަށް ބަދަލުވުމަށް އެދޭ ކޮލެޖަކީ ބައިނަލްއަޤުވާމީ ޔުނިވަރސިޓީ ރޭންކިންގްގައި ހިމެނޭ އަދި ބައިނަލްއަޤުވާމީ ޔުނިވަރސިޓީތައް ތަމްސީލުކުރާ ޖަމްޢިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. ހަމައެއާއެކު، ބައިނަލްއަޤުވާމީ ފެންވަރުގެ ދިރާސާތައް ކުރުމުގެ ތަޖުރިބާ ހުރުމާއެކު، އެކަޑެމިކް ދާއިރާގެ ފުލްޓައިމް މުވައްޒަފުންގެ ތެރެއިން މަދުވެގެން 10 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ޤައުމީ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދު ހާސިލުކޮށްފައިވާ މީހުންނަށް ވާންޖެހެއެވެ. އަދި ޔުނިވަރސިޓީއަކަށް ބަދަލުވާތާ 2 އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ފަށަންޖެހެއެވެ.

ޔުނިވަރސިޓީއަކަށް ބަދަލުވުމަށް އެދި ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ދިރާސާކުރުމަށްޓަކައި 5 މެންބަރުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ. މި ކޮމިޓީގައި ހިމެނެނީ މަތީ ތަޢުލީމީ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއްގެ އިތުރުން ފައިނޭންސް ދާއިރާގެ މެންބަރެކެވެ. ޕްރޮޕޯޒަލް ބަލައިގަންނަތާ 3 މަސްދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށް ގޮތެއް ނިންމަންޖެހެއެވެ.

މި ޤަވާއިދުގެ ދަށުން ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރުމަށް 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި އިތުރު ކެމްޕަހެއް ރަޖިސްޓްރީކުރުމަށް ނުވަތަ އިމާރާތް ބަދަލުކުރުމަށް 15،000 ރުފިޔާ، ލާނިންގ ސެންޓަރަކަށް 3،000 ރުފިޔާ، އަދި އައުޓްރީޗް ސެންޓަރަކަށް 2،500 ރުފިޔާގެ ފީއެއް ކަނޑައަޅާފައިވެއެވެ. ރާއްޖޭގައި މިހާރު ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ